ނަފްސާނީ ޞިއްޙަތުގެ ބިލަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށާއި، ރާއްޖޭގައި އެފަދަ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިންއެވެ.
މި ބިލުގެ އިބްތިދާޢީ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، 17 ބާބުގެ މައްޗަށް އެކުލެވޭ މި ބިލަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ ވަރަށް ތަފްސީލީ ބިލެކެވެ. ޚާއްސަކޮށް، ނަފްސާނީ ބަލީގެ އެކި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޞިއްޙީ ފަރުވާ ދިނުން މޮނިޓަރކޮށް ކުރިއަށް ގެންދިއުމަށް ޚާއްސަ ރިވިއު ބޯޑެއް އުފެއްދުމަށް ބިލުގައި ހިމަނާފައިވުމަކީ ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.
ބިލުގައި ހިމަނާފައިވާ ރައްކާތެރިކަމުގެ މުހިންމު މާއްދާތަކަށް ބަލާއިރު، މަސަލް ރިލެކްސަންޓު އަދި އެނެސްތީޝިއާ ދިނުމަކާ ނުލައި ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ (އީސީޓީ) އާއި، ކުޑަކުދިންނަށް ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ ދިނުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީއާއި، ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުން ވެސް ބިލުގެ ދަށުން މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ބިލަށް ތާޢީދުކުރައްވައި ވާހަކަދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ، މި ބިލުގެ ސަބަބުން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ކުރިއަށް ވުރެ ރޭވުންތެރި ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ބިލު ދިރާސާކުރާ މަރުހަލާގައި ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާ ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެ ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް އެނގޭނީ އޭގެ ވޭން. ބިލު ފުރިހަމައަށް ތަންފީޒު ކުރެވިއްޖެއްޔާ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ،“ސައުދުﷲ ވިދާޅުވިއެވެ.
ސަރުކާރު މެމްބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ މި ބިލަށް ތާޢީދުކުރައްވާފައެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވިދާޅުވީ، ބިލުގެ ހަގީގީ މަގުސަދު ހާސިލުވާނީ ކޮމިޓީ މަރުހަލާގައި މި ބިލު ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ފުރިހަމަކޮށްގެން ކަމަށެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ސިއްރު ހިފެހެއްޓުމަށް ބާރުއަޅައި މި ބިލުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން ފިޔަވައި، ބަލިމީހެއްގެ ޒާތީ މައުލޫމާތު އާންމުކޮށްފިނަމަ، ފަރުވާދޭ މަރުކަޒެއް ނުވަތަ ޚިދުމަތްދޭ މީހެއް 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ޖޫރިމަނާކުރުމުގެ އިތުރަށް ދެ އަހަރުގެ މުއްދަތަށް އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު އެލައިޑް ހެލްތު ކައުންސިލަށް ލިބިގެންވާ ކަމަށް ވެސް ބިލުގައިވެއެވެ.



