ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް އެމްޑީޕީން މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައެވެ.
އެމްޑީީޕީން ބުނީ ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ހަމައެހެންމެ, ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް މެމްބަރުންގެ ހިޔާލު ވެސް އެ ކޮމިޓީން ހޯދުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަމަށެވެ.
އަދި އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ވެސް އެދިފައިވެއެވެ.
އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.



