ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަންފުޅުގައި ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއް އަރުވާފައެވެ.
މި ސިޓީފުޅުގައި ޗައިނާގެ ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުޤުވެރިކަންވެސް މި ސިޓީފުޅުގައި ފާޅުކުރައްވާފައިވެއެވެ.
ޗައިނާގެ ސަފީރުގެ އަތްޕުޅުން މިސިޓީފުޅު ރައްދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މި ސިޓީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ އުފަންދުވަހަކީވެސް މިއަދުކަމަށްވާތީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ މެސެޖް ރައްދުކޮށްދެއްވުން އެދި ޗައިނާގެ ސަފީރާ ޙަވާލުކުރައްވާފައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކުރިމަގުގައި ތަރައްޤީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ޚިޔާލުބަދަލުކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.



