ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސް ތިބި 6 މީހަކު ހީޓްސްޓްރޯކް ޖެހިގެން ނިޔާވެއްޖެ އެވެ.
ނިޔާވި އެންމެންނަކީވެސް އުރުދުންއަށް ނިސްބަތްވާ މީހުންނެވެ.
އުރުދުންގެ ހާރިޖީ ވުޒާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ނިޔާވި މީހުންގެ ކަށުކަމާކެމީގެ ކަންތަކާއި، ޖަނާޒާގެ އިޖުރާއަތްތައް ހަމަޖެއްސުމަށާއި އަދި ބައެއް މީހުންގެ ހަށިގަނޑުތައް އަނބުރާ އުރުދުންއަށް ގެންދިޔުމާ ގުޅޭގޮތުން ސައޫދީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ދާ ކަމަށެވެ.
ނިޔާވި މީހެއްގެ އާއިލާއިން ސީއެންއެން އަރަބިކްއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބޮޑުދައިތަ މަރުވީ އަރަފާތު ފަރުބަދަމަތީގައި ކަމަށާއި އޭނާ ވަޅުލާފައި ވަނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ.
ހައްޖު މޫސުމުގައި ހޫނު މިން 48 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށްބުނެ،ސައުދީން ވަނީ ހުރިހައި ހާޖީންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ސައުދީ ސަރުކާރުން ވަނީ ހޫނުމައްޗަށް ދާތީ ހާޖީންނަށް ކުރިމަތިވެދާނެ ކުއްލި ހާލަތަކަށް ކުރިޔާލާ ތައްޔާރުވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1.8 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.




