ފަލަޞްޠީނުގެ ގާޒާގައި ހުންނަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކޮރޮސް(އައިސީއާރްސީ) ގެ އޮފީހަށް އިޒްރޭލުން ދިން އަސްކަރީ ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ އެވެ.
އިޒްރޭލުގެ އަސްކަރީން އިއްޔެ މެންދުރު ދިންކަމަށް ބުނާ މިހަމަލާގައި 22 މީހުން މަރުވެ 45 މީހުން ޒަޚަމްވެފައިވާއިރު، އޮފީސް އައިސީއާރްސީގެ އިމާރާތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެޖަމާއަތުން ބުނެއެވެ. މަރުވީވެސް އަދި ޒަޚަމްވެފައިވަނީވެސް އެ އޮފީސް ވަށައިގެން އޮންނަ ސަރަހައްދުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ފަލަޞްޠީނުގެ މީހުންކަމަށްވެސް އައިސީއާރްސީން ބުނެފައި ވެއެވެ.
އައިސީއާރްސީން މިއީ އިޒްރޭލުން ދިން ހަމަލާއެއްކަމަށް ބުނިނަމަވެސް، އިޒްރޭލުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ، މިހާތަނަށް ހޯދި ހޯދުމުން އިޒްރޭލު އަސްކަރީން އައިސީއާރްސީ އިމާރާތައް ހަމަލާއެއް ދިންކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ. އެެހެންނަމަވެސް އެ ހާދިސާ އިތުރަށް ބަލަމުން އަންނަކަމަށެވެ.
އައިސީއާރްސީން ބުނަމުންދަނީ މިއީ އިޒްރޭލުން ދިން ހަމަލާއެއްކަމަށާއި، މަދަނީންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ނުވަތަ ޖަމާއަަތްތަކަށް ހަމަލާ ދިނުން ބަލައި ނުގަނެވޭނެކަމަށާއި، މަދަނީންނާއި، އިންސާނީ އެހީގެ އޮޕަރޭޝަން ކުރިޔަށްގެންދާ ފަރާތްތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ފިޔަވަޅު އެޅުމަކީ އެންމެހައި ފަރާތްތަކަށް ކުރުން ލާޒިމުކަމެއްކަމަށެވެ. އައިސީއާރްސީން ބުނީ މިހަމަލާގެ ސަބަބުން މަދަނީންނާއި، އިންސާނީ އެހީދޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ މިންވަރު ހާމަވެގެންދާކަމަށެވެ.
އިޒްރޭލުން ގާޒާ ކޮންޓްރޯލްކުރަމުންދާ ހަމާސްއާ ދެކޮޅަށްކަމަށްބުނެ މިދިޔަ އަހރުގެ އޮކްޓޯބަރުމަހުން ފެށިގެން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަސް 37،390 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 14،680 ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެެވެ.



