ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) ގެ ޕީޕަލްސް ޗޮއިސް އިން ވިއްކަމުން އަންނަ ހިޓާޗީ މަރުކާގެ އިތުރު މުދާތަކުގައި ”ހަކަތަރި“ ލޭބަލް ޖަހައިފި އެވެ.
އެސްޓޯއިން މިކަން އިއުލާނުކުރެއްވީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ”ސޭވް ދަ ވަރލްޑް“ ހަފުލާގަ އެވެ.މިއަދު މި ތަޢާރަފް ކުރީ ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިނެވެ. އެސްޓީއޯއިން ބުނީ، ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސް ތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
”ސޭވް ދަ ވަރލްޑް“ ހަފުލާ އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ އެމްޑީ ޝިމާާދު އިބްރާހިމާއި، ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕާމަނެންޓް ސެކެޓް އަޖުވަދު މުސްތަފާ އެވެ. މި ހަފުލާގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިސްވެރިންނާއި، އެސްޓީއޯގެ އިސް ވެރިންނާއި، އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯރ ޑިރެކްޓަަރ އޮފް ސޭލްސް ތަރުން ޖެއިންއާއި، އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯރ ހެޑް އޮފް ސޭލްސް ޑެނިސް ޗުއާގެ އިތުރުން އެސްޓީއޯގެ ކޯޕަރޭޓް ކަސްޓަމަރުން ބައިވެރިވަޑައިގެންނެވި އެވެ.
”ހަކަތަރި“ އަކީ، ކަރަންޓު ބޭނުންކުރާ އާލާތްތަކުގައި ހުންނަ ހަކަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނެ ލޭބަލު ޖެހުމަށް އެންވަޔަރަންޓް މިނިސްޓްރީން 2021 ވަނަ އަހަރު ތައާރަފުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ، ރާއްޖެއަށް އެތެރެކުރާ ކަރަންޓު ބޭނުންކުރާ ސާމާނަކީ ވަކި ފެންވަރެއްގެ، ޚާއްޞަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަޤީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ އިންތިޒާމުތަކެއް ޤާއިމުކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ކަރަންޓު ބޭނުންކުރާ އާލާތްތަކުގައި ހަރުކުރާ ލޭބަލަކީ ކަރަންޓު މަދުން ބޭނުންކުރާ އާލާތްތައް ފަސޭހައިން ދެނެގަނެ އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ޞައްޙަ މަޢުލޫމާތު އަންގައިދޭ ލޭބަލެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރާއްޖެއަށް ކަރަންޓު ބޭނުންކުރާ އާލާތްތައް އެތެރެކުރާ ފަރާތްތަކަށް މިނިސްޓްރީން އެރުވި ދައުވަތު ގަބޫލުކޮށް، އެންމެ ފުރަތަމަ އެކަމަށް ތަރުހީބުދީ ޕްރޮގްރާމުގައި ބައިވެރިވީ އެސްޓީއޯއިންނެވެ. އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއަރކޮންޑިޝަނަރ ތަޢާރަފް ކުރެވުނެވެ. އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭ.ސީތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ”ހަކަތަރި“ ލޭބަލް ޖެހިއެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.
ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީނަމަވެސް ކަރަންޓު ޚަރަދު ބޮޑުވެގެންދިއުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. އެހެންކަމުން އެސްޓީއޯއިން އަބަދުވެސް އިސްކަމެއްދެނީ ތިމާވެއްޓާ ރަށްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީ އާކަންކަން ތައާރަފް ކުރުމަށެވެ.



