ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ޚާއްސަގޮތުން ބާއްވާ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަދުވަހު ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ، ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ(އެމްއެސްޑީ) ގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓެމް ”ފަހި ވޯޓް“ މެދުވެރިކޮށް އެ ޖަލްސާ ބާއްވަން ނިންމާފައިވާކަމަށާއި، ޖަލްސާގައި ބައިވެރިވެވޭނީ 11 ޖުލައި 2024 ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ޖަލްސާގެ މައިގަނޑު އެޖެންޑާގެ ތެރޭގައި، 28 މެއި 2024 ގައި ބޭއްވި ކުންފުނީގެ 41 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން ހިމެނެއެވެ. ބީއެމްއެލްއިން ބުނީ، އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އިސްލާހު ހުށަހެޅުމުގެ ފުރުސަތު 13 ޖޫން 2024 އިން ފެށިގެން 14 ޖުލައި 2024 ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ ބީއެމްއެލްގެ ކޯޕަރޭޓް އެފެއާޒްއަށް މެއިލްއަލުން ފޮނުވުމަށް އެދިފައިވާނެކަމަށެވެ.
ޚާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށްވެސް ނިންމާފައި ވެއެވެ. ބީއެމްއެލްއިން ބުނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފުސީލު ބޭންކުގެ ހިންގާ ގަވައިދުގެ 48 ވަނަ މާއްދާގައި ވާގޮތުގެ މަތިން 14 ދުވަހުގެ ކުރިން އިއުލާނުކޮށް، އެ ބޭފުޅުންނާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެކަމަށެވެ.
ބީއެމްއެލްއިން ބުނީ، ޖަލްސާ ކުރިޔަށްގެންދަނީ އޮންލައިންކޮށް ކަމަށްވާތީ ޖަލްސާގައި ވޯޓުލެވޭނީވެސް ”ފަހި ވޯޓް“ މެދުވެރިކޮށްކަމަށެވެ. އެހެންކަމުން ޖަލްސާގައި ބައިވެރިވުމަށް، ޕްރީ ރަޖިސްޓްރީ ކުރަން ބޭނުންވާ ހިއްސާދާރުންނަށް 3 ޖުލައިގެ ހެނދުނު 10:00 އިން 18 ޖުލައިގެ ހެނދުނު 10:00 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި، ރަޖިސްޓްރީ ކުރެވޭނީ ހަމަ އެކަނި އޮންލައިން ސިސްޓެމް އިންފިނިޓީ މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ބީއެމްއެލްގެ ކޯޕަރޭޓް އެފެއާޒްއަސް މެއިލްކޮށްގެންކަމަށްވެސް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ބައިވެރިވާނަމަ، އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުމަށްފަހު، ޖަލްސާ ފެށުމުގެ 48 ގަޑީއިރުކުރިން ފޮނުވުމަށްވެސް ބީއެމްއެލްއިން އެދިފައި ވެއެވެ. އަދި، ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނޫ ޝަޙްސަކުން ޖަލްސާއަށް މީހަކު ފޮނުވާނަމަ، އެ ފޮނުވާ ފަރާތަކީ އެ ޖަލްސާއަށް އެމީހަކު ހާޒިރުވާ ގާނޫނޫ ޝަޚުސެއް ތަމްސީލުކުރުމަށް އެ ފަރާތުގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަ ދެވިފައިވާ ފަރާތަކަށްވާން ވާނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްއިން ވަނީ އެ ބޭންކުގެ އެންމެހާ ހިއްސާދާރުންނަށް ޚާއްސަގޮތުން ބާއްވާ އާންމު ޖަލްސާއަށް ދައުވަތު ދީފަ އެވެ.



