މާދަމައިން ފެށިގެން ކޮންމެ ހަފުތާއަކުވެސް މަސް ގަންނާނީ އަގުތައް މުރާޖައާކުރުމަށްފަހު ކަނޑައަޅާ ވަކި އަގެއްގައިކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ބުނެފި އެވެ.
މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ، މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ. އަދި، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށްވެސް މިފްކޯއިން ބުނެފައި ވެއެވެ.
އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައިކަމަށެވެ. އަދި، މާދަމައިން ފެށިގެން، މިއަގު ކޮންމެ ހަފުތާއަކު އާއްމުކޮށް އިއުލާނު ކުރަމުންގެންދާނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރި މަސައްކަތުން މިހާރު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފަ އެވެ. މިފްކޯއިން ބުނީ، މާދަން ދޫކުރަނީ މިހާތަނަށް ލާފައިހުރި ޕެންޑިންގް ބިލްތަކުގެ ފައިސާކަމަށެވެ. މާދަން މަސްވެރިންނަށް ދޫކުރާ ފައިސާއާއެކު، މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަަމަށެވެ. އަދި، މިކަމުގެ ތަފްސީލުތައް މީޑިއާއާއި ގަވާއިދުން ހިއްސާކުރަމުންދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.



