ރާއްޖޭގެ ކުޅަދާނަ ލިޔުންތެރިޔާ މުޙައްމަދު ވަހީދު (މަޑުލު ވަހީދު) މިއަދު އަވަހާރަވެއްޖެއެވެ.
ވާހަކަ ލިޔުމުގެ ރޮނގުން ގިނަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ މަޑުލު ވަހީދު އަވަހާރަވީއިރު އުމުރުފުޅުން 77 އަހަރެވެ. އަވަހާރަވީ ސިއްޙީ ހާލަތު ދެރަވެގެން ކަމަށް އެނގިފައިވެއެވެ.
މަޑުލު ވަހީދު ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލުވެސް ހާސިލު ކުރައްވާފައެވެ. އިއްތިފާގުން އޭނާ އަވަހާރަވީ ދުވަސް ދިމާވެފައިމިވަނީ ދިވެހިބަހުގެ ދުވަހަށެވެ.
ސަރުކާރަށް ވެސް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މަޑުލު ވަހީދަކީ ނޫސްވެރިކަމުގެ ރޮނގުގައި ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ދިވެހިބަހުގެ ދާއިރާ އިން ވަރަށް ގިނަ ބަޔަކަށް އޭނާ ވަނީ ކިޔަވައިދެއްވައި، ތަމްރީނު ދެއްވާފައެވެ.
ސްކޫލު ދައުރުގައި ލިޔުންތެރިކަމަށް ވެންނެވި މަޑުލު ވަހީދު، އެއިރު ގިނަ ބަޔަކަށް އެނގިފައިވަނީ ”ހޯރަފުށީ ވަހީދު“ ގެ ނަމުންނެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ރަސްމީކޮށް އޭނާ ވެންނެވީ 1970 ވަނަ އަހަރުތެރޭގައި ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރެއްވުމުގެ ތެރެއިންނެވެ. އެ މަސައްކަތް އޭނާ އެއިރު ކުރެއްވީ ބޭރުގެ ޚަބަރުތައް ރޭޑިއޯއިން އަޑުއައްސަވައިގެންނެވެ.
ވަރަށް ގިނަ އެހެން ނޫސްތަކަށް ވެސް ލިޔުއްވި މަޑުލު ވަހީދަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އަލިމަސްގަލަން އަރުވައިފައެވެ.
ކުރު ވާހަކަ ލިޔުމުގައި ތަފާތު ހުނަރެއް ދެއްކުވި މަޑުލު ވަހީދު ވަނީ އޭނާގެ ކުރު ވާހަކަތައް އެއްކުރައްވައި ނެރުއްވާފައެވެ. އޭނާގެ ގިނަ ވާހަކަތަކަކީ މުޖުތަމައުއާ ގުޅޭ، ކިޔައިލަން ހިތްގައިމު އަދި ހަގީގަތާ ވެސް އެހާމެ ގުޅޭ ވާހަކަތަކެއްކަން ފާހަގަ ކުރެވެއެވެ.
ކުރު ވާހަކަ ލިޔުއްވުމުގެ އިތުރުން މަޑުލު ވަހީދު ވަނީ ތަފާތު ދާއިރާތަކުން އިލްމީ ފޮތްތައް ވެސް ލިޔުއްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރަން ޔުނެސްކޯގެ އެހީގައި ދިވެހި ރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ ”ރޭޑިއޯ ހަވީރު“ ލިޔެ އުފެއްދުމުގައި ވެސް މުހިއްމު ހިއްސާއެއް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން މަޑުލު ވަހީދަކީ ބައެއް ސްކޫލުތަކުގައި ކިޔަވައިދެއްވި މުދައްރިސެއްވެސް މެއެވެ. އަދި ރައީސް އޮފީހުން 1980ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ހިންގި ވަޒީފާގެ ތަމްރީނު ކޯސްތަކުގައި ވެސް އޭނާ ކިޔަވައި ދެއްވި އެވެ.
މަޑުލު ވަހީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ޑިސެމްބަރު 17، 1966 ގައެވެ. އޭނާގެ ސަރުކާރުގެ ހިދުމަތުގައި 35 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެ އެވެ. ފުރުއްވާފައިވާ މަގާމުތަކުގައި ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަ ޖެނެރަލް ކަމާއި ނުރަސްމީ ތައުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަގާމާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަގާމާއި ހާއްސަ މުޝީރު ކަމުގެ މަގާމު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ގެ ޗެއާމަންކަން ވެސް މަޑުލު ވަހީދު ކުރެއްވިއެވެ.
މަޑުލު ވަހީދުގެ ކަށުނަމާދު އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މޫނުދެއްކުން މިއަދު 11:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަަށްދާނެއެވެ.




