އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ރޭ ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށް، މިއަދު ހެނދުނު އެ ސިޓީއަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ފެނަކައިން ބުނިގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ރޭ މެންދަމު 1:45 ހާއިރުއެވެ.
ކަރަންޓު ކެނޑުމާއެކު، މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދިނުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި، ކުރެވުނު މަސައްކަތުން މިއަދު ހެނދުނު މުޅި ސިޓީއަށް ވަނީ ކަރަންޓުގެ ޚިދުމަތް ދެވިފައިކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ، ކަރަންޓު ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، މި ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ފާހަގަކުރެވުނު ކަންތައްތައް މިހާރު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ފެނަކައިން ވަނީ މައާފަށް އެދިފައެވެ.
އަދި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އެއްވެސް ދައްޗެއް ނުވާ މިންވަރަށް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ގާއިމްކުރެވިފައި ހުރި ކަމުގެ ޔަގީންކަންވެސް ފެނަކައިން ވަނީ އަރުވާފައެވެ.




