މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގައި ތިން ވޯޓެއް ކުރިއަށް ދިޔަ ނަމަވެސް، ވޯޓުލާ މީހާ ބޭނުންވާ ވަކި ވޯޓެއްގައި އެކަނި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފިއެވެ.
ފުލުހުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ އެ މީހަކަށް ދޫކުރާނީ ހަމައެކަނި އެ އިންތިހާބެއްގެ ކަރުދާސް ކަމަށެވެ.
މާދަމާ އޮންނަނީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ.
ޒާހިދު ވިދާޅުވީ ވޯޓުލާންދާ މީހާ ވަކި ކަރުދާހެއް ބޭނުން ނުވާ ނަމަ، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށެވެ.
”ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑުމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ،“ޒާހިދު ވިދާޅުވިއެވެ.
މިގޮތަށް އަމަލުކުރަނީ ވޯޓުލުމުގެ މަރުހަލާގައި ފަހުން މައްސަލައެއް ދިމާވިޔަ ނުދިނުމަށާއި ހުރިހާ ކަމެއް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު ރަޖިސްޓްރީވެފައިވާ މަރުކަޒަކަށް ގޮސް، އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ސިއްރު ވޯޓެއް ލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ޒަކަރިއްޔާ އެރުވިއެވެ. އެހެންކަމުން ވޯޓުގެ ސައްހަކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
މާދަމާ އޮންނަ މި އިންތިހާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުގެ ކަންކަން ދެފުށްފެންނަ އިންސާފުވެރި އަމާންމާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8000 އަށްވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވަމުންދާނެއެވެ.
ވޯޓުލާ ވަގުތު ދިމާވެދާނެ މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކޮށް ވޯޓުލުން މެދުނުކެނޑި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 119 ކޯޑިނޭޝަން ސެންޓަރުން އެވަގުތު މަސައްކަތްކުރާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.




