މިއަދު ކުރިއަށްދާ އިންތިހާބުގައި ހަވީރު 16:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 62 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މީގެ ތެރޭގައި ހިމެނެނީ 92,567 އަންހެނުންނާއި 93,142 ފިރިހެނުންނެވެ.
މިއަދު ހޫނުގަދަވުމުގެ ސަބަބުންނާއި ކިއޫތައް ދިގުވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ވޯޓުލާ ވަގުތު އީސީއިން ވަނީ ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ..
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.




