ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ވަރަށް ބޮޑަށް ވިރާނާވެފައިވަނިކޮށް، ބޮޑެތި ބަދަލުތަކާއެކު މި ސަރަޙައްދު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ފެބުރުވަރީމަހުގެ ތެރޭގައެވެ.
މި މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލް ވަނީ އައު ކޮށްފައެވެ. މީގެ އިތުރުން އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ވަނީ ޖަހާފައެވެ.
މި މައިޒާނަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ސުނާމީ ބިނާ މޮނިއުމަންޓް، އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމެވެ. އަދި ޕާކުގައި ވޯކްވޭތައް ހަދާފައިވާއިރު، އިށީނދެލައިގެން ތިބޭނެ ގިނަ ތަންތަން ވަނީ ތައްޔާރުކޮށްފައެވެ.
ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ތަނުގައި މިހާރު ގިނަ އަދަދަކަށް ގަސްވެސް ވަނީ އިންދާފައެވެ.
ސުނާމީ ބިނާ މައިޒާނަކީ ކުޑަކުދިން ގޮވައިގެން އާއިލާތަކުން ގިނައިން ގޮސް އުޅޭ ސަރަޙައްދަކަށްވާއިރު، މާލޭގައި ހިތްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް ސަރުކާރުން ދަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
މިގޮތުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ރަސްފަންނުވެސް ބަންދުކޮށް، އެތަނުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށްގެންދަމުންނެވެ.



