މިދިއަ މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 351 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗު މަހު ރާއްޖެއަށް ޖުމްލަ 5.7 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރި 4.4 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
އިމްޕޯޓްކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.60 ބިލިޔަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ 1.05 ބިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަކެވެ. ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ 959 މިލިޔަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާ ގައުމުތައް:
* އޮމާން: 1.3 ބިލިޔަން ރުފިޔާގެ މުދާ
* ޗައިނާ: 885 މިލިޔަން ރުފިޔާގެ މުދާ
* އިންޑިއާ: 806 މިލިޔަން ރުފިޔާގެ މުދާ
* ޔޫއޭއީ: 514 މިލިޔަން ރުފިޔާގެ މުދާ
* ސިންގަޕޫރު: 392 މިލިޔަން ރުފިޔާގެ މުދާ
އެކްސްޕޯޓަށް ބަލާއިރު، މާރިޗު މަހު ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ 51 މިލިޔަން ރުފިޔާގެ ދަޅުމަހުގެ ބާވަތްތަކެވެ. މީގެ އިތުރުން 8 މިލިޔަން ރުފިޔާގެ ރޯމަސް ވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ގައުމަށް 45 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ޤައުމުތައް:
* އިނގިރޭސިވިލާތް: 45 މިލިޔަން ރުފިޔާގެ މުދާ
* އިންޑިއާ: 8 މިލިޔަން ރުފިޔާގެ މުދާ
* ޖަރުމަނުވިލާތް: 6 މިލިޔަން ރުފިޔާގެ މުދާ
* ފްރަންސޭސިވިލާތް: 5 މިލިޔަން ރުފިޔާގެ މުދާ
* ކޮސްޓަރިކާ: 5 މިލިޔަން ރުފިޔާގެ މުދާ
އަދި މިދިޔަ މަހު ރާއްޖެއަށް 168 އުޅަނދު އައިސްފައިވާއިރު، 177 އުޅަނދު ވަނީ ރާއްޖެއިން ފުރާފައެވެ.




