ފޮރިން މިނިސްޓަރު ކަމަށް ޑރ. އިރުތިޝާމް އާދަމް އަދި ހެލްތު މިނިސްޓަރު ކަމަށް ގީލާ އަލީ އައްޔަންކުރައްވައިފިއެވެ.
ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. އިރުތިޝާމް އާދަމަކީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އިރުތިޝާމް އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީވެސް ފޮރިން މިނިސްޓްރީންނެވެ. މީގެ އިތުރުން، އިރުތިޝާމް ވަނީ ބައެއް ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، މީގެ ކުރިން ހެލްތު މިނިސްޓަރުކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ގީލާ އަލީއަކީވެސް ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ގީލާ ވަނީ މީގެކުރިން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ހާރިޖީ ދާއިރާގައިވެސް ގީލާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެނެސްފައިވަނީ، ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.




