އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަންކުރައްވައިފިއެވެ.
ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ހެރިޓޭޖް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ހީނާ ވަލީދު މިހާތަނަށް ހުންނެވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައެވެ. މީގެ އިތުރުން ހީނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.
ހީނާ ވަނީ މީގެކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ. މީޑިއާގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ހީނާ ވަނީ މީޑިއާގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.
ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެނެސްފައިވަނީ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.



