ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އަނެއްކާވެސް ވާދަ ކުރައްވަން މުހައްމަދު ސިނާން ނިންމަވައިފިއެވެ.
ސިނާން މިކަން އިޢުލާން ކުރެއްވީ މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ހުކުމަކާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ. މި ހުކުމާ ގުޅިގެން ހުސްވެފައިވާ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ވަނީ ރޭ ނިންމާފައެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ވަނީ އެ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލާފައެވެ.
ސިނާން ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި، ދާއިރާގެ ޕީއެންސީ މެންބަރުންގެ ފުރިހަމަ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޕްރައިމަރީގައި، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ވާދަކުރުމަށް، އަޅުގަނޑު މުޙައްމަދު ސިނާން، ހުޅުދޫއާގެ /ސ. ހިތަދޫ، ނިންމާފައިވާ ކަން ނުހަނު އުފަލާއެކު އިޢުލާންކުރަން“ ސިނާން ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ޕީއެންސީން ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލާފައިވަނީ މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށެވެ.
ޕްރައިމަރީ ބާއްވާނީ މި މަހުގެ 25 ގައެވެ.



