ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މިއީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެ ކޯޕަރޭޝަނުން ކޮންމެ އަހަރަކު ވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެޗްޑީސީން ބުނިގޮތުގައި، މި ކެމްޕެއިނުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް މިއަދު ފަތިހު ވަނީ ފަށާފައެވެ.

މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 04:00 އިން 06:00 އަށެވެ.
މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އެޗްޑީސީން ވަނީ މަދިރި އާލާވުން މަދުކުރުމަށް ފަރުދީ ފެންވަރުގައިވެސް ހުރިހާ ރައްޔިތުން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.




