ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރައްޔިތުން ދޭ ވޯޓަކަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަކި ނަތީޖާއަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުން ކަމަށެވެ.
ޚާއްޞަގޮތެއްގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
”ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫން ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން، މާލޭގެ ބޭރު މަގު ހެދުމާއި އައު މާރުކޭޓު އެޅުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބޭތީ ދަތިތަކާ ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ހުރިހާ ކައުންސިލްތަކަކަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.




