ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު 6093 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ޖުމްލަ 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފައެވެ. ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ އެ ކޮމިޝަންގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.
އީސީން ބުނިގޮތުގައި، ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރުން ހޮވުމަށް ވޯޓުލުން ބާއްވާނެއެވެ.
ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ މީހުން ވޯޓުލަނީ ކެލާ އިންތިޚާބުގައެވެ. އެއީ 1729 މީހުންނެވެ. ދެން އެންމެ ގިނައީ މާވަށު އިންތިޚާބުގައި ވޯޓުލާ 1556 މީހުންނެވެ. ފުވައްމުލަކު ދަޑިމަގު އަވަށުގައި 1311 މީހުން، ނޭކުރެންދޫގައި 1056 މީހުން އަދި ދޮންފަނުގައި 441 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި ބަހައްޓާ 6 ވޯޓު ފޮށި ހިމެނެއެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާނީ:
– ތާޖުދިއްދީން ސްކޫލް: ކެލާ އަދި ދޮންފަނު ދާއިރާ
– ހިރިޔާ ސްކޫލް: ނޭކުރެންދޫ އަދި މާވަށު ދާއިރާ
– ދަރުމަވަންތަ ސްކޫލް: ފުވައްމުލަކު ދަޑިމަގު ދާއިރާ
ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ބަލާއިރު، ކެލާ، މާވަށް އަދި ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި ބަހައްޓާނެއެވެ. އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.




