މޯލްޑިވިއަން އިން އަންނަ މަހު އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މުޅިން އަލަށް ފަށާ އެ ކުންފުނީގެ މި ދަތުރުތައް އަންނަ މޭ މަހުގެ 17 ވަނަ ދުވަހު އޮސްޓްރޭލިއާއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް މޭ 17 ގައި ދަތުރުކުރުމަށްފަހު، އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް މި ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މޭ 19 ވަނަ ދުވަހުއެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މެލްބާންއަށެވެ. ފެށުމުގެ ގޮތުން ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށްޓަކައި މާރިޗު މަހުގެ 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ ”ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް“ އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް 6,526 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ.



