ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ގެންނެވި ބަދަލުތަކާ އެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއުވާލައިފިއެވެ.
ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 10 ބޭފުޅަކު އިއްޔެ އިސްތިއުފާދެއްވާފައިވާއިރު، އޭގެ ތެރޭގައި ސިޓީތަކާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު ހިމެނިވަޑައިގަންނަވައެވެ.
މި ބަދަލުތަކާއެކު ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް ކުޑަކޮށްފައެވެ.
ސިޓީތަކާ ބެހޭ ވުޒާރާ އުވާލުމަށްފަހު، އެ މިނިސްޓްރީން ކުރަމުންދިޔަ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފައެވެ.
ކުރިއެކޭ އެއްގޮތަށް ސިޓީތަކާ ކައުންސިލްތަކުގެ މަސައްކަތްތައް ދެން ކުރިއަށްދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ދަށުންނެވެ.




