ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން މުއާޒް ޙަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުއާޒް މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މުއާޒް ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
މުއާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން އެ މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި މިވަގުތު 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިއްބަވައެވެ. 74،000 އަށްވުރެ ގިނަ މެންބަރުންނާއެކު ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.



