ނިމިދިޔަ އިންތިޚާބުތަކުގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް، ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހާއި، ތޮއްޑޫ އަދި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ތިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަފްލާގައި ރައީސް ފާހަގަކުރެއްވީ މުޅި ރާއްޖެއިން ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ސިޓީތަކާއި ފެންނަ ނުފެންނަ ވޯޓުން ނާކާމިޔާބީއެއް ލިބުނުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ސަރުކާރުން ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކައުންސިލަކުން ތަރައްޤީއަށް ހުރަހެއް އަޅާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވައި، އެ ހުރަހެއް ނައްތާލައިގެން ވެސް ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި ކެންޑިޑޭޓުންނަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ ކޮންގްރެސްގެ ޓިކެޓުގައި ހޮވުނު ނަމަވެސް، ރަށުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަވާން ޖެހޭނެ ކަމަށެވެ.
”ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރުމަށާއި، އިންތިޚާބުވުމަށްފަހު ކޮންމެ ރައްޔިތަކަށްމެ އަދުލްވެރިވާން ޖެހޭނެ“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކޮންގްރެސްގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްދެއްވި ހުރިހާ ރަށްތަކުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި އެއްވެސް ކަމެއްގައި ސިޔާސީ ވިސްނުން އިސްނުކޮށް، ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.



