މާލޭގެ ކަރަންކާ މަގުގައި ހުރި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި އަންތަރު މުއްލާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުއެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާއަށް ހަމަލާދީފައިވަނީ މާލޭގެ ކަރަންކާ މަގުގައި ހުއްޓައެވެ.
މި ހަމަލާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން ބުނި ގޮތުގައި މި ހަމަލާގެ ސަބަބުން އެ މީހާގެ ކަރަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




