ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް އެ ޕާޓީން ދީފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވަނީ ހަމައެކަނި ސޯބެއެވެ. އެހެންކަމުން، ޕްރައިމަރީއަކާ ނުލައި ސޯބެއަށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.
އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރެއްވި ސޯބެއަކީ އައްޑޫ ސިޓީގެ މޭޔަރުކަން ތިން ދައުރެއްގެ މަތިން 10 އަހަރު ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.



