އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ”ގާޑިއަން ކްލާސް“ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ ބޯޓު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.
މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިއުލާންކުރެއްވި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއް ކަމަށެވެ. އަދި ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ ވަނީ ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރަށް ހަމަޖައްސަވާފައިވާ ކޮމާންޑިންގ އޮފިސަރާއި ސިފައިންގެ އޮފިސަރުން ވަނީ ބޯޓަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ. އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު މާލެ ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.
މި އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން، އުޅަނދަށް ހާއްސަކޮށްފައިވާ ދިވެހި ސިފައިންގެ ކްރޫން އޮސްޓްރޭލިއާގައި ހާއްސަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ފުރިހަމަކުރާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



