ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
މިކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ގާދިއްފުށީގެ 11 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް، މި ބިޔަ މަޝްރޫޢުގެ މަސައްކަތް އެންމެ 10 ދުވަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކަށް ބަލައިގެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ސަރުކާރެއް ނޫން ކަމަށެވެ.
”އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ،“ ރައީސް ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ގާދިއްފުށިން ސަރުކާރު ހިންގާ ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ލިބިފައި ނުވި ނަމަވެސް، އެ ރަށުގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މި މަސައްކަތަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. ބިން ހިއްކުމުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއަކާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއްގެ އިތުރުން 100 މީޓަރުގެ ގްރޮއިންއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




