މާލޭގައި ހިންގަމުން އަންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މަރާމާތު ކުރުމަށްޓަކައި މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ސެންޓަރު ބަންދުވާނެ ކަމަށެވެ.
މި ނިންމުމަކީ އެ ތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި މުއްދަތުގެ ތެރޭގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްތަކަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، އެ ސެންޓަރުން ޑޮކްޓަރަށް ދައްކަމުންދިޔަ ފަރާތްތަކަށް ދެން ހިދުމަތް ލިބޭނީ އައިޖީއެމްއެޗްގެ ޖީއޯޕީޑީ އިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ސެންޓަރުން ދެމުންދިޔަ ވެކްސިން ޖެހުމުގެ ހިދުމަތާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ، މި މުއްދަތުގައި ދަމަނަވެށިން ވެކްސިން ޖެހުމުގެ ހިދުމަތް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.



