ސައޫދީ ޢަރަބިއްޔާގެ އެންމެ ބޮޑު ލޯކޮސްޓް އެއާލައިން ކަމަށްވާ ފްލައިނަސްގެ ދަތުރުތައް އަންނަ މޭ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް އައި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މިހާރު އާންމު ހާލަތަށް ރުޖޫޢަވެފައިވާ ކަމަށެވެ.
އެގޮތުން އެމިރޭޓްސް، ގަތަރު އެއަރވޭސް، އިއްތިހާދު އެއަރވޭސް، ފްލައި ދުބާއީ އަދި އެއަރ އަރަބިއާގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފްލައިނަސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ސައުދީގެ ރިޔާދުންނެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ނިސްބަތުން ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމާއި އެއާލައިންތަކުގެ އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައީ އޭޝިއާ ސަރަޙައްދުގެ އެއާލައިންތަކެވެ. އެގޮތުން އޭޝިއާގެ 16 އެއާލައިނަކުން ދަތުރުކުރާއިރު، ޔޫރަޕްގެ 13 އެއާލައިނެއް އަދި މެދުއިރުމަތީގެ 6 އެއާލައިނަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.



