ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ”މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް“ އުފެއްދުމަށް މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ”މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް“ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ އިތުރުން ދެ ގައުމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ހަރުދަނާ އިގްތިސާދީ އޮނިގަނޑެއް ބިނާކުރުން ކަމަށެވެ. އަދި އަލަށް އުފައްދާ ބިޒްނަސް ކައުންސިލްގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިވެރިންނަށް ފަހިވެފައިވާ ވިޔަފާރީގެ ފުރުސަތުތަކާއި، ވިޔަފާރި ކުރިއެރުވުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، ދެ ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ ވާހަކަދެކެވިފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.




