ޖަރުމަނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިޕް (HiPP) މަރުކާގެ ކުޑަކުދިންގެ ކާނާގައި ވިހަ މާއްދާއެއް ހުރި ކަމަށް ޝައްކު ކުރެވޭތީ، އެ މަރުކާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި ހިޕް މަރުކާގެ ކުޑަކުދިންގެ ކާނާގެ ބައެއް އުފެއްދުންތައް ބާޒާރުން އަނބުރާ ނެގުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ އެ އުފެއްދުންތަކުގައި މީދާ މަރަން ބޭނުންކުރާ ވިހަ މާއްދާއެއް ކަމަށްވާ ”ރޮޑެންޓްސައިޑް“ އެކުލެވިފައިވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، މި އުފެއްދުމަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް، އަމިއްލަ ބޭނުންތަކަށާއި އެ ނޫންވެސް ގޮތްގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހިޕް މަރުކާގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ބާޒާރުގައި ވިއްކަން ނުބެހެއްޓުމަށާއި އަދި އެއްވެސް ފަރާތަކުން މި ކާނާ ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.




