ހޮރްމޫޒް ކަނޑުއޮޅި ވީ އެންމެ އަވަހަށް އާންމު ހާލަތަކަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ހޮރްމޫޒު ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުން އަވަހަށް އާންމު ހާލަތަކަށް އަނބުރާ އަންނާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އީރާނާއި އެމެރިކާއާ ދެމެދުގައި ދެވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި ގުޅިގެން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ނަމަވެސް، ހަނގުރާމަ މެދުކަނޑާލުމަށް މިމަހުގެ 8 ވަނަ ދުވަހު ވެވުނު އެއްބަސްވުމަށް ފަހުގައި އީރާނުން ވަނީ އެ ކަނޑުއޮޅި އަލުން ހުޅުވާލާފައެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި ލުބުނާނާއި އިސްރާއީލްއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ 10 ދުވަހަށް މެދުކަނޑާލުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް އެއްކޮށް ހުޅުވާލި ނަމަވެސް، ފަހުން އަނެއްކާވެސް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އީރާނުން މި ފިޔަވަޅު އެޅީ އެމެރިކާ އިން އީރާންގެ ބަނދަރުތައް ބަންދު ކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.
އީރާނުގެ ބްރޯޑްކާސްޓަކާ އައިއާރްއައިބީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިގެ ކޮންޓްރޯލް ކުރިން އޮތް ހާލަތަށް ރުޖޫއަވެފައިވާ ކަމަށާއި، އެ ކަނޑުއޮޅި ކޮންޓްރޯލް ކުރަމުން ދާނީ އައިއާރްޖީސީން ކަމަށެވެ. އަދި އީރާނުން ދަތުރުކުރާ އުޅަނދުތަކަށް ދަތުރު ކުރުމުގެ ފުރިހަމަ މިނިވަންކަން އެމެރިކާ އިން އަލުން އިއާދަ ނުކުރާހާ ހިނދަކު، ހޮރްމޫޒް ކަނޑުއޮޅި އޮތީ ކުރިން އޮތް ހާލަތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ އެންމެ ބޮޑު އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރަހައްދަށް އެއްވެސް ބުރޫއެރުމެއް އައިސްފި ނަމަ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމުގެ ފުރުސަތު އޮތުމާއެކު، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އޮވެއެވެ.
ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާ މި ކަނޑުއޮޅި ބޭނުންކޮށްގެން ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދުފަހަރު ޗައިނާއަށާއި ޔޫރަޕަށާއި އެމެރިކާއަށް ތެލާއި ގޭސް އުފުލައެވެ.
މި ތެލުގެ ބޮޑު ބައި އަންނަނީ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުންނެވެ.




