އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލައި އެ ގައުމުގެ މަގުތަކަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
މި މުޒާހަރާތައް ފަށާފައިވަނީ އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ނަތަންޔާހޫ އަރަބި ގައުމުތަކުގެ ވެރިންގެ އެހީތެރިކަމަށް އެދި އާދޭސްކުރާ އަޑު އިވޭ ފޯނު ކޯލެއްގެ ރެކޯޑިން އާންމުވުމާ ގުޅިގެންނެވެ.
ލީކުވެފައިވާ މި ފޯނު ކޯލުގައި ނަތަންޔާހޫ ވަރަށް ބޮޑަށް މާޔޫސްވެ، އެހީތެރިކަމަށް އެދި އާދޭސްކުރާ މަންޒަރު ހާމަވުމާއެކު އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
މަގުތަކަށް ނުކުތް މީހުން ދަނީ ”ނަތަންޔާހޫ ހައްޔަރުކުރުމަށް“ ގޮވާލައި އަޑުއުފުލަމުންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އިސްރާއީލުގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އިސްރާއީލުގެ ޗެނަލް 13 އިން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އާންމުން ދަނީ ފުލުހުންނާ ކުރިމަތިލަމުންނެވެ. އަދި ގައުމުގެ އެކި ސަރަހައްދުތަކުގައި ހުއްޓުމެއް ނެތި ސައިރަންގެ އަޑު އިވެމުންދާއިރު، ބިރުގަނެފައިވާ އާއިލާތަކުން އެމީހުންގެ ދަރިންނާ އަލްވަދާއު ކިޔާ މަންޒަރުތައް ލައިވް ޓީވީން ވަނީ ފެނިފައެވެ. މުޅި ގައުމުގެ ނިޒާމު މިވަގުތު އޮތީ އެއްކޮށް ބުރޫއަރާފައެވެ.
މި ހާލަތާ ގުޅޭގޮތުން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނުގެ ސީދާ ހަމަލާތަކާއި، ހިޒްބުالله އަދި ހަމާސްގެ ހަނގުރާމަވެރިން ކުރިއަށް ޖެހެމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގެ ދިފާއީ ނިޒާމު ފުނޑުފުނޑުވަމުންދާ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އޮތީ ހިމޭނުން ކަމަށާއި، ނަތަންޔާހޫ ސަލާމަތްކުރުމުގެ ބާރު އެމެރިކާގެ ކިބައިގައި މިހާރު ނެތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިވަގުތު އިސްރާއީލުގެ އަސްކަރީ ސިފައިން ތިބީ އެއްވެސް ޔަގީންކަމެއް ނެތް ހާލަތެއްގައި ބަލަހައްޓައިގެންނެވެ. މަގުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ބޭރުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލު މިވަގުތު އޮތީ ބޮޑު ގޮވުމަކަށް ތައްޔާރުވެފައިވާ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ.




