އީރާނުގެ ހުއްދަ ނެތި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި އުޅަނދަކަށް އީރާނުން ޙަމަލާދީފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
”ޔޫފޯރިއާ” ނަމަކަށް ކިޔާ މި އުޅަނދަށް ދިން ޙަމަލާގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުލިބޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އުޅަނދަށް ޙަމަލާދިނުމުގެ ކުރިން، އީރާނުގެ ހުއްދަ ނުނަގައި އެ ސަރަޙައްދު ހުރަސްކުރަން މަސައްކަތް ކުރި އިތުރު ދެ އުޅަނދެއް އީރާނުން ވަނީ ހިފަހައްޓާފައެވެ. އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ) އިން ބުނި ގޮތުގައި، މި އުޅަނދުތައް ހިފެހެއްޓީ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް ޢަމަލުކުރުމުންނެވެ. މިހާރު އެ ދެ އުޅަނދު އީރާނަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން ބޮޑުވެފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުކުރާ މި ކަނޑުއޮޅި އީރާނުން ކުރިން ބަންދުކުރީ އެމެރިކާގެ ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އޭޕްރީލް 17 ގައި އީރާނުން މި ކަނޑުއޮޅި އަލުން ހުޅުވައިލި ނަމަވެސް، އީރާނުގެ ބަނދަރުތަކުން އުޅަނދުތަކަށް ނުފުރޭ ގޮތަށް އެމެރިކާއިން ހިންގާ ކަނޑުމަގުގެ ޙިޞާރު އުވާލުމަށް ދެކޮޅު ހެދުމުން އަނެއްކާވެސް ވަނީ ބަންދުކޮށްފައެވެ.
އީރާނުން ވަނީ އެ ޙިޞާރު އުވާނުލާހާ ހިނދަކު، ހުއްދަ ނެތި ހުރްމުޒް ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.




