އިސްރާއީލާއި ލުބުނާނާ ދެމެދު އޮތް، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން އިތުރު ތިން ހަފުތާއަށް ދަންމާލައިފިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
ވައިޓް ހައުސްގައި އިސްރާއީލާއި ލުބްނާނުގެ ސަފީރުންނާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، ގަބޫލުކުރަނީ ސުލްހަވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށާއި، މިއީ ވަރަށް ފަސޭހަ ކަމަކަށް ވާނެ ކަމަށް ދެކޭ ކަމަށެވެ.
އީރާނާ އެކު ކުރިއަށްދާ މަޝްވަރާތައް ހުއްޓިފައިވީ ނަމަވެސް، ލުބުނާނުގެ ސުލްހައާ މެދު ޓްރަމްޕް ވާހަކަދެއްކެވީ ވަރަށް އުންމީދީ ގޮތަކަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައުން ވައިޓް ހައުސްގައި، ސީދާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިސްރާއީލާއި ލުބްނާނާ ދެމެދު މިހާ ސީދާކޮށް މަޝްވަރާ މިކުރެވެނީ 1993 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.
ލުބުނާނުގެ ރައީސް އައުން ވިދާޅުވީ، ސުލްހައިގެ ތެރޭގައި ގެދޮރު ހަލާކުކުރުމާއި، އާންމުންނަށާއި، ނޫސްވެރިންނަށާއި، ސިއްހީ އަދި ތައުލީމީ ދާއިރާއަށް ހަމަލާދިނުން ހުއްޓާލަންޖެހޭނެ ކަމަށެވެ.
މި ހަނގުރާމަތައް ފެށިފައިވަނީ ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެއަށްފަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 2,450 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.



