އަންނަ ޖޫން މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އީރާންއިން ދީފިއެވެ.
އީރާން ސަރުކާރުގެ ތަރުޖަމާނު ފާތިމާ މޮހެޖެރާނީ ބުދަ ދުވަހު އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ވިދާޅުވީ، ވޯލްޑް ކަޕުގައި ކުޅުމަށް އެމެރިކާއަށް ދިއުމަށް ތައްޔާރުވުމަށް ސްޕޯޓްސް މިނިސްޓަރު ވަނީ އަންގަވާފައި ކަމަށެވެ.
މީގެ އިތުރުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އީރާނުން މުބާރާތުގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އިންފަންޓީނޯ މިހެން ވިދާޅުވީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު ތުރުކީގައި އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް ބޭފުޅުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އީރާން ހިމެނެނީ ނިއުޒީލޭންޑާއި، ބެލްޖިއަމް އަދި މިސުރާއެކު އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، މެޗުތަކަށް ތައްޔާރުވުމަށް އީރާން ޓީމުން ކޭމްޕް ކުރާނީ އެމެރިކާގެ އަރިޒޯނާގައި ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
މުބާރާތަށް ތައްޔާރުވުމުގައި އީރާނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭނުންވާ ވިސާ ހޯދުމުގެ މައްސަލައެވެ. މިކަމުގައި ފީފާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވީ ނަމަވެސް، މީގެ ކުރިން ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އީރާނުގެ އެފްއޭގެ ރައީސަށް އެމެރިކާއިން ވިސާ ދީފައެއް ނުވެއެވެ. އެހެންކަމުން، މުބާރާތަށް ވިސާ ލިބޭނެތޯ އަދިވެސް އޮތީ ސުވާލު އުފެދިފައެވެ.
އީރާނުގެ ބަދަލުގައި އިޓަލީ މުބާރާތުގައި ބައިވެރިކުރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިސް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މުބާރާތުގެ ގަވާއިދު ބުނާގޮތުން އީރާނުން ވަކިވެއްޖެނަމަ އެ ޖާގަ ލިބޭނީ އޭޝިއާގެ ޓީމަކަށެވެ.
އެފަދަ ހާލަތެއްގައި އީރާނުގެ ބަދަލުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ފީފާގެ އިމަޖެންސީ ޓީމުން ގޮތެއް ނިންމާނެއެވެ.




