ނޯވޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.
ނޯވޭ ސަރުކާރުން މިއަދު މިކަން އިއުލާނުކޮށްފައިވާއިރު، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އުމުރުފުރާ ކަށަވަރުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ޓެކްނޮލޮޖީ ކުންފުނިތަކުން ކަމަށް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ރާރް ވިދާޅުވީ، މި ގާނޫނު ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ކުޑައިރުގެ ދުވަސްތައް ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
”މި ގާނޫނު ތައާރަފްކުރަނީ ކުޑަކުދިންގެ ކުޑައިރުގެ ހަނދާންތައް ކުޑަކުއްޖެއްގެ ގޮތުގައި ހޭދަ ކުރުވުމަށް އަޅުގަނޑުމެން ބޭނުންވާތީ،“ ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކުވެރިކަމާއި ރަހުމަތްތެރިންނާއެކު ކުޅުމުގައި ހޭދަކުރާ ވަގުތުތައް، ސްކްރީންޓައިމްގެ ސަބަބުން ގެއްލިގެން ގޮސްގެން ނުވާނެއެވެ. މިއީ ކުޑަކުދިން ސްކްރީނާ ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މި ބިލު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއިން ވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައެވެ.
މީގެ އިތުރުން ފްރާންސުން ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.




