އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހި، ޢާންމުންނަށް ނާންގައި ސިއްރުން ފަރުވާ ހަދައިފައިވާކަން މިއަދު ރަސްމީކޮށް ހާމަކޮށްފިއެވެ.
ނަތަންޔާހޫގެ އޮފީހުން މިއަދު ޢާންމުކުރި އަހަރީ ޞިއްޙީ ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ޕްރޮސްޓޭޓް ބޮޑުވެގެން އޫރުސަލީމުގެ ހެދެސާ ހޮސްޕިޓަލުގައި އޭނާ ވަނީ ސާޖަރީއެއް ހަދާފައެވެ.
އެ ސާޖަރީއަށް ފަހު ހެދި ސްކޭނަކުން އެއް ސެންޓިމީޓަރަށް ވުރެ ކުޑަ ޓިއުމަރެއް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ސަބަބުން ގާތްގަނޑަކަށް ދެ މަސް ކުރިން އޭނާ ވަނީ ރޭޑިއޭޝަން ތެރަޕީ ކުރިއަށްގެންގޮސްފައެވެ. ނަތަންޔާހޫ ބުނި ގޮތުގައި މި ބަލީގެ ޚަބަރު ދެ މަސް ދުވަހަށް ސިއްރުކޮށްފައި ބޭއްވީ، އީރާނުން މި މަޢުލޫމާތު ޕްރޮޕެގެންޑާގެ ގޮތުގައި ބޭނުންކޮށްފާނެތީއެވެ.
ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ހަނގުރާމައެއްގެ ތެރޭގައި ޤައުމެއްގެ ވެރިއެއްގެ ޞިއްޙީ ޙާލަތު ރައްޔިތުންނަށް ސިއްރުކުރުމަކީ ޑިމޮކްރެސީގެ ހަމަތަކާ ފުށޫއަރާ ކަމެކެވެ. ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ ފަރުވާ ކާމިޔާބު ކަމަށާއި، މިހާރު ޓިއުމަރު ފިލައިގެން ގޮސްފައިވާ ކަމަށެވެ.
އުމުރުން 76 އަހަރުގެ ނަތަންޔާހޫ މި ބަލި ސިފަކޮށްފައިވަނީ ”ކުޑަ ޞިއްޙީ މައްސަލައެއް“ގެ ގޮތުގައެވެ.
ޣައްޒާގެ ގަތުލުޢާންމުގެ އެންމެ އިސް މޭސްތިރި ނަތަންޔާހޫ ދުނިޔޭގެ އެންމެ ޒަމާނީ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުން ދިޔައިރު، އޭނާގެ އަމުރަށް ޣައްޒާގެ ހޮސްޕިޓަލުތައް ވަނީ ބިމާ ހަމަކޮށްފައެވެ.
ޣައްޒާގައި އެތައް ހާސް ފަލަޞްޠީނު ރައްޔިތުންނެއް އިސްރާއީލުގެ ބޮމާއި ބަނޑުހައިހޫނުކަމުގައި މަރުވަމުންދާއިރު، އެ ސަރަހައްދުގެ ބަލި މީހުންނާއި ޑޮކްޓަރުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.




