ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ހޮނުއެޅުމުގެ ސަބަބުން 14 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ގައުމަށް ކުއްލިއަކަށް އައި ބާރުގަދަ ތޫފާންތަކަކާއެކު ބޯކޮށް ވާރޭވެހި ވައިގަދަވި ވަގުތެއްގައެވެ.
ބަންގްލަދޭޝްގެ ލޯކަލް އޮތޯރިޓީތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހުޅުވިފައިވާ ދަނޑުތަކުގައި މަސައްކަތް ކުރަން ތިބި ދަނޑުވެރިންނާއި މަސައްކަތްތެރިންނެވެ.
ހޮނުއެޅުމުގެ ސަބަބުން 14 މީހުން މަރުވިއިރު، އޭގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނެއެވެ. މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނައިރު، ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބަންގްލަދޭޝްއަކީ ކޮންމެ އަހަރަކުވެސް ހޮނުއެޅުމުގެ ސަބަބުން އެތައް ސަތޭކަ މީހުން މަރުވާ ގައުމެކެވެ. މިކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުން ވަނީ ހޮނުއެޅުމަކީ ގުދުރަތީ ކާރިސާއެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައެވެ. އެ އަހަރުގެ މެއި މަހު ހޮނުއަޅައިގެން 200 އަށްވުރެ ގިނަ މީހުން މަރުވިއިރު، އެންމެ ދުވަހެއްގެ ތެރޭގައި 82 މީހުން މަރުވި ހާދިސާއެއްވެސް ހިނގާފައިވެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތައް އެ ގައުމުގައި އާންމުކޮށް ހިނގަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. މިއީ އެ ގައުމަށް މޫސުން ގޯސްވާ ދުވަސްވަރުގެ ކުރިން އަންނަ ދުވަސްވަރެކެވެ.




