މި އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބުގައި، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެ ގައުމުގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ނަފްޓާލީ ބެނެޓް އާއި ޔެއަރ ލަޕިޑް ގުޅިގެން އާ އިއްތިޙާދެއް އިޢުލާނުކޮށްފިއެވެ.
މި ދެ ލީޑަރުންގެ އަމާޒަކީ ނަތަންޔާހޫގެ ސަރުކާރު ބަދަލުކޮށް، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމެވެ.
މި އިއްތިޙާދުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނަވާނީ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ ބެނެޓްއެވެ. އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާނީ ބެނެޓް ކަމަށް މިހާރު ވަނީ ނިންމާފައެވެ. ޔެއަރ ލަޕިޑް ވިދާޅުވީ، މި އިއްތިޙާދުގެ މައިގަނޑު މަގްސަދަކީ ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވައި، ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
ބެނެޓްގެ އެންމެ ބޮޑު އެއް އިންތިޚާބީ ވައުދަކީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރުން ވެފައިވާ އިހުމާލުތައް ބެލުމަށް އިންކުއަރީ ކޮމިޝަނެއް އުފެއްދުމެވެ.
މީގެ ކުރިން ވެސް ބެނެޓާއި ލަޕިޑް ވަނީ ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް 2021 ވަނަ އަހަރު ގުޅިފައިވާ ސަރުކާރެއް އެކުލަވައިލާފައެވެ. ނަމަވެސް، އެ ފަހަރުގެ ސަރުކާރު 18 މަސް ދުވަހަށް ފަހު ވަނީ ރޫޅިފައެވެ. މި ފަހަރުގެ އިއްތިޙާދާއެކު އަނެއްކާވެސް ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.



