މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގަސްކާނާގެ އަގުތައް އިންތިހާއަށް އުފުލި، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.
މި ހާލަތުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މި މައްސަލަ ބޮޑުވެފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ރައްދުގައި އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ. ދުނިޔޭގައި ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާގެ ތިންބައިކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާއިރު، މިހާރުވެސް މިލިއަނެއްހާ ޓަނުގެ ޔޫރިއާ ގަލްފު ސަރަހައްދުގައި ތާށިވެފައިވާ ކަމަށް މާހިރުން ބުނެއެވެ.
ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ އެންމެ މުހިންމު މާއްދާ ކަމަށްވާ ޔޫރިއާ އެންމެ ގިނައިން އުފައްދާ ޤަތަރުން ވެސް ވަނީ އެ މާއްދާ އުފެއްދުން މެދުކަނޑާލާފައެވެ. މީގެ ސަބަބުން ބާޒާރުގައި އަގުތައް އުފުލިފައިވާއިރު، ދުނިޔޭގައި އެންމެ ގިނައިން ހަނޑު ހައްދާ އިންޑިއާއިން ވަނީ ކުރިއަށްވުރެ ދެގުނަ ބޮޑު އަގުގައި ޔޫރިއާގެ ބޮޑު ޝިޕްމަންޓެއް ދާދިފަހުން ގަނެފައެވެ.
ދަނޑުވެރިކަމުގެ މާހިރުން ލަފާކުރާ ގޮތުގައި، ގަސްކާނާގެ އަގު ބޮޑުވުމުން ދަނޑުވެރިންނަށް އޮތް ހަމައެކަނި ގޮތަކީ ގަސްކާނާ ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ނަމަވެސް، މިހެން ހެދުމުން ދަނޑުވެރި އުފެއްދުންތައް މަދުވެ، ކާބޯތަކެތީގެ ދަތިކަން އިތުރަށް ބޮޑުވާނެއެވެ.
ދުނިޔޭގެ ގޮދަނުގެ ސްޓޮކަށް މިވަގުތު ބަދަލެއް ނައި ނަމަވެސް، މިކަމުގެ ނޭދެވޭ އަސަރުތައް ފެންނާނީ ފަހުން، ކަމަށް މާހިރުން ބުނެއެވެ.
އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އިދާރާ (އެފްއޭއޯ) އާއި ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގުރާމް (ޑަބްލިޔުއެފްޕީ) އިން ބުނާގޮތުގައި، މި ހަމަނުޖެހުން ދިގުލައިގެންދާނަމަ އިތުރު 45 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާނެއެވެ.
ހާއްސަކޮށް އެފްރިކާއާއި އޭޝިއާގެ ފަގީރު ގައުމުތަކުގައި ބަނޑުހައިހޫނުކަމާއި ކާޑުބަލި ފެތުރުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ.




