ދުނިޔޭގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލި، އިންޑިއާގެ އެއާލައިންތަކުން ވައިގެ އުދުހުންތައް ހުއްޓައިލަން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސްޖެޓް ހިމެނޭ އިންޑިއާގެ އެއާލައިންތަކުގެ ފެޑެރޭޝަނުން ބުނީ، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ދަތުރުތައް އެކީގައި ހުއްޓައިލަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
އެއާލައިންތަކުގެ ޖުމްލަ ހިންގުމުގެ ޚަރަދުގެ 40 އިންސައްތައަކީ ތެލަށް ކުރަންޖެހޭ ހޭދައަށް ވާއިރު، މިދިޔަ މަހު އިންޑިއާ ސަރުކާރުން ވަނީ ތެލުން ނަގާ ޑިޔުޓީ ބޮޑުކޮށްފައެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ލީޓަރަކަށް 0.16 އެމެރިކާ ޑޮލަރު އަދި ބައިނަލްއަޤުވާމީ އުދުހުންތަކުގައި ލީޓަރަކަށް 0.77 އެމެރިކާ ޑޮލަރު ޑިޔުޓީގެ ގޮތުގައި ނަގަން ވަނީ ނިންމާފައެވެ.
މަތިންދާބޯޓުތަކަށް އަޅާ ތެލުން ނަގާ 11 އިންސައްތައިގެ ޑިޔުޓީ ދެއްކުން ފަސްކޮށްދޭން އެއާލައިންތަކުގެ ފެޑެރޭޝަނުން މިހާރު ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ. އިންޑިއާގެ ވައިގެ އުދުހުންތަކާބެހޭ ވުޒާރާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޑިޔުޓީ އިތުރަށް ބޮޑުކޮށްފިނަމަ އުދުހުންތައް ހުއްޓާލައި ފްލައިޓުތައް ކެންސަލް ކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުންވެސް އިންޑިއާގެ އެއާލައިންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުން ހަފްތާއަކު 800 އެއްހާ ދަތުރަށް ބުރޫއަރާފައިވާއިރު، އެއާ އިންޑިއާއިން ލަފާކުރާ ގޮތުގައި މީގެ ސަބަބުން 600 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ތެލުގެ ސަޕްލައިއަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ޚާއްޞަކޮށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
މިގޮތުން، މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ 179 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.




