މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިރާނުން ކުޅޭނެ ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އިރާން ވޯލްޑް ކަޕަށް ކޮލިފައިވެފައިވީ ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާ ގުޅިގެން އެ ގައުމުން މިފަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމާމެދު އޮތީ ސުވާލުތަކެއް އުފެދިފައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި އިރާނުން ވަނީ އެޓީމުން ކުޅެންޖެހޭ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯ އަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދިފައެވެ. ނަމަވެސް، ފީފާ އިން ވަނީ އިރާނުގެ އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައެވެ.
ކެނެޑާގައި ކުރިއަށްދާ ފީފާގެ 76 ވަނަ ކޮންގްރެސްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވާނެ ކަމަށާއި އަދި އެޓީމުން މެޗުތައް ކުޅޭނީ ވެސް ކުރިން ތާވަލުކުރެވުނު ގޮތަށް އެމެރިކާގައި ކަމަށެވެ.
”މިކަމުގައި އެންމެން ވެސް އެއްބައިވަންތަ ވާންޖެހޭނެ، އެއީ އެންމެންގެ ވެސް ޒިންމާއެއް،“އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯ މިހެން ވިދާޅުވެފައިވީ ނަމަވެސް، ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާގެ ކޮންގްރެސްގައި އިރާނުގެ ފުޓްބޯޅަ އިދާރާގެ އެއްވެސް އޮފިޝަލަކު ބައިވެރިއެއް ނުވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި އިރާން ހިމެނެނީ ގްރޫޕް ޖީ ގަ އެވެ. އިރާނާއެކު މި ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގަ އެވެ. އެއީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ގައި މިސްރާ ދެކޮޅަށް ނުކުންނާނީ ސިއޭޓަލްގަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.



