އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވިވެކް ވިހާރުގައި ހުންނަ އިމާރާތެއްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު ނިދާފައި ތިއްބާ، ރޭ ފަތިހު 3:30 ހާއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔައިރު އިމާރާތުން ބޭރަށް ނުކުމެވެން ހުރި މަގުތައް ބަންދުވެފައި ހުރުމަކީ މަރުވި މީހުންގެ އަދަދު އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.
ފަޔާ ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. އަދި ފަސް މީހަކު ދެވަނަ ފަންގިފިލާއިން ފެނުނުއިރު، އަނެއް ތިން މީހުން ފެނިފައިވަނީ ތަޅުލާފައި ހުރި ސިޑިގޮޅިއެއްގެ ކައިރިންނެވެ. އިމާރާތުގެ ފަހަތް ފަރާތުގައި ހުންނަ އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކުގައި ދަގަނޑު ގްރިލް ޖަހާފައި ހުރުމުން، އަލިފާނުން ސަލާމަތްވުމަށް ބޭރަށް ފުންމާލެވޭނެ ގޮތެއް އެ މީހުންނަކަށް ނެތެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އަލިފާނުގެ ތެރޭގައި ތާށިވި މީހުންނާއި ކުޑަކުދިން އެހީއަށް އެދި ގޮވަމުންދިޔަ އަޑު މުޅި ސަރަހައްދުގައި އިވެމުންދިޔައެވެ. އަދި ބައެއް ކުދިން އިމާރާތުގެ ކުރިމަތިން ފުންމާލަން މަސައްކަތް ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިމާރާތުން ނުކުމެވެން ހުރި ހަމައެކަނި ސިޑިގޮޅީގައި އަލިފާން ހިފާފައިވުމާއި، މަތީ ފަންގިފިލާއަށް އަރަން ހުރި ދޮރު ތަޅުލާފައި ހުރުމުން ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވީއެވެ.
ފުލުހުންނާއި އަލިފާން ނިއްވާ ފަރާތްތަކުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އިމާރާތްތަކުގެ ދެމެދުގައި ހުންނަންޖެހޭ ހުސްޖާގަ ނެތުމުގެ ސަބަބުން، އަލިފާންގަނޑު ކައިރީގައި ހުރި އެހެން އިމާރާތަކަށްވެސް ފެތުރި ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެއާކޮންޑިޝަނަރެއް ގޮވައިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގު ކުރަމުންނެވެ.




