ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅިއަށް ވަންނަން މަސައްކަތް ކުރި އެމެރިކާގެ އަސްކަރީ މަނަވަރަކަށް އީރާނުން ހަމަލާދީ، އެ އުޅަނދު ހުއްޓުވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ މަނަވަރެއް ހުރްމުޒް ކަނޑުއޮޅިއަށް ވަންނަން އުޅުމުންނެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އެމެރިކާގެ މަނަވަރަށް ދެ މިސައިލް ހަމަލާ ދީފައިވަނީ އީރާނުގެ ކަނޑުގެ ސިފައިންގެ އަމުރުތަކަށް ތަބާވާން އެ މަނަވަރުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
ދުނިޔޭގެ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އީރާނުން ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން މި ކަނޑުއޮޅި ހުރަސްނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން މުދާ އުފުލާ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އެހީތެރިވެދޭނެ ކަމަށެވެ. ނަމަވެސް، މިހާރުވެސް ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުތަކާއި ފަޅުވެރިން އެ ސަރަހައްދުގައި ތާށިވެފައި ތިބިއިރު، އެމެރިކާގެ ސިފައިން ރައްކާތެރިކަން ދޭނެ ގޮތުގެ ތަފްސީލެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ހުރްމުޒްއަށް ވަންނަން މަސައްކަތްކޮށްފިނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތަކުން ބޯޓުފަހަރު ލަފާފުރުމަށް ހުރަސްއަޅަމުންނެވެ.



