އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައިގައި އެމެރިކާއަށް 50 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވި މާލީ ބުރަ، ކުރިން އަންދާޒާކުރި މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
ޕެންޓަގަންގެ ކުރީގެ އަންދާޒާތަކުން މި ހަނގުރާމައަށް 25 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމާއި އަސްކަރީ ބަދަލުތަކަށް ހިނގާނޭ ހަރަދުތަކަށް ބަލާއިރު، ޖުމްލަ އަދަދު 40 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ސެޓެލައިޓް އެނަލިސިސްތަކުން ދައްކާގޮތުގައި، ގަލްފު ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް، ޓްރަމްޕްގެ ސަރުކާރުން ކުރިން ހާމަކުރި މިންވަރަށް ވުރެ މާ ބޮޑެވެ. މި ތަންތަން އަލުން އާބާދުކޮށް މަރާމާތު ކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމަ މި މަހުގެ 8 ވަނަ ދުވަހު ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ހަނގުރާމަ ފުރިހަމައަށް ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށްދަމުންނެވެ.




