އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލަވައިގެ ޓީޒާ އާންމުކޮށްފިއެވެ.
މިފަހަރުގެ މުބާރާތުގެ ރަސްމީ ލަވަ ކިޔާފައިވަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ނައިޖީރިއާގެ މަޝްހޫރު ފަންނާނު ބުރޫނާ ބޯއިއެވެ.
މި ފަހަރުގެ ރަސްމީ ލަވައަށް ދީފައިވާ ނަމަކީ ”ޑައި ޑައި“ އެވެ. އިޓަލީ ބަހުން މި ބަހުގެ މާނައަކީ ”ލެޓްސް ގޯ“ ނުވަތަ ”ހިނގާ ދާން“ އެވެ. މި ލަވައިގެ ޓީޒާއިން ފެންނަ ގޮތުގައި ލަވަ ރެކޯޑްކޮށްފައިވަނީ ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމުގަ އެވެ. ޑާންސް ގްރޫޕަކާއި ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއެކު ލަވަ ރެކޯޑް ކުރިއިރު، ޝަކީރާ ހުރީ ބްރެޒިލްގެ ގައުމީ ކުލަތައް ކަމަށްވާ ރީނދޫ ޓީޝާޓަކާއި ނޫ ސޯޓެއްގައެވެ.
މި ލަވަ ރަސްމީކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މިއީ ވޯލްޑް ކަޕެއްގެ ރަސްމީ ލަވަ ޝަކީރާ ހުށަހަޅައިދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2010 ވަނަ އަހަރު އޭނާ ކިޔައިދިން ”ވަކަ ވަކަ (ދިސް ޓައިމް ފޯ އެފްރިކާ)“ އަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީޚުގައި ނެރުނު އެންމެ މަޝްހޫރު ލަވަ އެވެ.
އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ޖުމްލަ 48 ޓީމު ވާދަކުރާ މި މުބާރާތް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ.



