އާޖެންޓީނާގެ ކުރޫޒް ޝިޕެއްގައި ނުރައްކާތެރި ހަންޓާވައިރަސް ފެތުރި، ތިން މީހަކު މަރުވުމާ ގުޅިގެން އެ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އާޖެންޓީނާގެ ”އެމް.ވީ ހޮންޑިއަސް“ ނަމަކަށް ކިޔާ ކުރޫޒް ޝިޕަކުން މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 8 ކޭސްއެއް ފެނިފައިވާއިރު، އޭގެ ތެރެއިން ތިން ފަސިންޖަރަކު ވަނީ މަރުވެފައެވެ.
ހަންޓާވައިރަސްއަކީ ޢާއްމުގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ނަމަވެސް، މި އުޅަނދުން ފެނިފައިވާ ”އެންޑީސް ވައިރަސް“ ސްޓްރެއިންއަކީ އެކަކުން އަނެކަކަށް ފެތުރުމުގެ ފުރުސަތު އޮތް ވައިރަހެކެވެ.
މިއީ ބަލިޖެހޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުން މަރުވުމުގެ ބިރު އޮތް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ އެއް ހަފްތާއާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.
އާޖެންޓީނާގެ ސަރުކާރުން ހާމަކުރި ގޮތުގައި، މި ބަލި ފެތުރެން މެދުވެރިވީ އުޅަނދަށް އެރުމުގެ ކުރިން އުޝުއައިއާގައި ބޭއްވި ދޫނި ބަލާލުމުގެ ދަތުރެއްގައި ބައިވެރިވި ދެ ފަސިންޖަރެއްގެ ފަރާތުން ކަމަށް ބެލެވެއެވެ.
ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން ދީފައިވާ އިރުޝާދުތަށް:
- މީދާ ފަދަ ޖަނަވާރުތަކާ ދުރުހެލިވުން.
- ގޭގެއާއި މަސައްކަތްކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- މީދާ ވަދެވޭ ގޮތަށް ހުންނަ ތަންތައް ބަންދުކުރުން.
- ކާބޯތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މީދާގެ ނަޖިސް ހުންނަ ތަންތަން ސާފުކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުން (ހިކިކޮށް ކުނިކެހުމުގެ ބަދަލުގައި، ސާފުކުރުމުގެ ކުރިން އެ ތަންތަން ތެންމާލުން).
- އަތްދޮވުން ފަދަ ސާފުތާހިރުކަމުގެ އާދަތައް ވަރުގަދަކުރުން.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހުންއައުން، މަސްތަކުގައި ރިއްސުން، ބޯއެނބުރުން، ހީކެރުވުން، މޭނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.




