”އެމް.ވީ ހޮންޑިއަސް“ ނަމަކަށް ކިއާ ކްރޫޒް ޝިޕުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ނުރައްކާތެރި ހަންޓާވައިރަސް ފެތުރި، އެ ބަލި ޖެހުނު މީހުންގެ އަދަދު 6 އަށް އަރާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ސިއްހީ އޮފިޝަލުން ބުނީ ބޯޓުގައި ދަތުރުކުރި އިތުރު އިނގިރޭސި ރައްޔިތަކަށް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ބުނީ އެ ބަލި ޖެހުނު މީހާ މިހާރު ހުރީ ދެކުނު އެޓްލާންޓިކް ރަށެއްކަމަށްވާ ޓްރިސްޓަން ޑަ ކުންހާގައި ކަމަށެވެ. މިއީ އެ ބަލި ޖެހުނު އިނގިރޭސިވިލާތުގެ ތިން ވަނަ މީހާއެވެ. އެ މީހާ އަކީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ ރަށަށް ފޭބި މީހެއް ކަމަށާއި، އޭނާގެ ހާލު ރަނގަޅު ނަމަވެސް މިހާރު ހުރީ އެކަހެރިކޮށްފައި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ޓެނެރީފްގައި ބަނދަރު ކުރަން ހަމަޖެހިފައިވާ ކްރޫޒްއިން ދަތުރު ކުރަމުން ދަނިކޮށް ހަންޓަވައިރަސް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ތިބީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ އިތުރު ދެ މީހަކު މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ކްރޫޒް އިން ދަތުރު ކުރި މީހުންގެ ތެރެއިން، ނެދަލެންޑްސްގެ ދެމަފިރިންނާއި ޖަރުމަނު އަންހެނަކު ވަނީ މި ބަލީގައި މަރުވެފައެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރޫޒް ލައިނާގައި ފަސިންޖަރަކު މަރުވިއިރު، އޭގައި ތިބި 150 މީހުންގެ ތެރޭގައި 23 އިނގިރޭސިން ތިއްބެވެ. އެ ކްރޫޒް އިން ފޭބި އެތައް ބަޔަކު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ބޯޓު އޮޕަރޭޓް ކުރާ އޯޝަންވައިޑް އެކްސްޕެޑިޝަންސް އިން ބުނީ ހަންޓަވައިރަސް އަށް އެންމެ ފުރަތަމަ ފައްސި ވޭދަނައެއް ފެނިފައިވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ބޯޓުން އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ވައިރަސް އައި ގޮތް ހޯދުމަށާއި، ދަތުރު ކުރި ތަންތަން ބެލުމަށާއި ”ފުރަތަމަ ވޭދަނަ އައި ގޮތް” ދެނެގަތުމަށް ”އެޕިޑެމިއޮލޮޖިކަލް އިންވެސްޓިގޭޝަންސް“ ކުރިއަށް ގެންދާ ކަމަށެވެ.
މި މަސައްކަތުގައި އެހީތެރިވުމަށް ޑަބްލިއުއެޗްއޯގެ ދެ ތަޖުރިބާކާރުންނާއި ޔޫރަޕިއަން ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) ގެ ދެ ތަޖުރިބާކާރުން މިހާރު ދަނީ ބޯޓުގައި ހަރަކާތްތެރިވަމުންނެވެ.




